ނިކަމެތި ފަޤީރުންނަށްޓަކާ ލިބިދޭ އެއީ މޮޅު ޙައްޤެކޭ
މިކަމަށް ސަމާލުކަމެއް ދިނުން އެދެވޭ މުޤައްދަސް ފަރުޟެކޭ
މުދަލުން ނުވަތަ ޒާތުންދެވޭ އަގުމާތްވެގެންވި ޒަކާތަކީ
މަތިވެރިވި އިސްލާމް ދީނުގާ ސާބިތުވެގެންވީ ރުކުނެކޭ
ވާޖިބުވަނީ މުދަލުން ޒަކާތް ގެރިބަކަރި ޖަމަލާ މަޢުދަނާ
ރަންރިހި ރިކާޒު ކަދުރު ގޮވާމުން އެކުލެވޭ ބާވަތްތަކޭ
ފިޠުރުގެ ޒަކާތުގެ ޝަރުޠަކީ ލާޒިމުވި ކޮންމެ މުކައްލިފަކު
ތަނަވަސްވެ ހުރި ނަމައީ ދިނުން އެދެވޭ މުބާރިކު ޞޯޢެކޭ
ނަފަޤާ ދިނުން ވާޖިބުވިހާ ބަޔަކަށް ތިމާއަށް ދީނުގާ
އެފަދައިން ފިޠުރު ވާޖިބު ވެޔޭ މިއީ މަޢުނަވީ މާތް އަޞްލެކޭ
ދޭށޭ ޒަކާތުގެ ޙައްޤުތައް މުދަލާއި ޒާތުން ހެޔޮހިތުން
ވާށޭ ޒަކާތްދޭ މީހަކަށް ކުރެވޭ މިއީ މޮޅު ޢަމަލެކޭ