ނަމާދޭ އެންމެ އިސްކަމަކީ
ނަމާދޭ އެންމެ އިސްކަމަކީ ތިމާ އީމާންވުމަށް ފަހުގާ
ނަމާދޭ އެންމެ މަތިވެރި ޢަމަލަކީ އިސްލާމް ވުމަށްފަހުގާ
ނަމާދޭ އެންމެހާ ފާހިޝްކަމުން އަބަދަށް ސަލާމަތްކޮށް
އަމާންކަން ގެންނަނީ މީހާގެ ޢަމަލަށް ސާފު ތެދުގޮތުގާ
ނަމާދޭ އިޖްތިމާޢީ ނަޒަރަކުން މުޖުތަމަޢު ސިފަކޮށްދީ
ޖަމާޢަތްތަކުގެ އިރުޝާދާތު އެދެނީ ރީތި މޮޅުގޮތުގާ
ނަމާދޭ ޠާޢަތާ ކިޔަމަންކަމުގެ ޤާނޫނު ދަސްކޮށްދީ
ސަމާލުވުމަށް ގޮވާ މަތިވެތި ޢަލާމަތަކީ މި ދުނިޔޭގާ
ނަމާދޭ ރީތި އަޚްލާގާ މަކާރިމު އަބަދު ސިފަކޮށްދީ
ޒަމާނާާ އެކު ތިމާ ގެންދާ ޛަރީޢަތަކީ ޙަޤީޤަތުގާ
ނަމާދޭ ޚާލިޤާ މަޚްލޫގު ވަކިކޮށްދީ މި ޢާލަމުގައި
ތިމާގެ ފަލާޙު ހޯދައިދޭ ބިޝާރަތަކީ އެނގޭގޮތުގާ
ނަމާދޭ ރޫޙަށާ ޖިސްމަށް އުފާވެރިކަން އިތުރުކޮށްދީ
ދިމާއަށް ނޫރު ފޮނުވައިދޭ ވަސީލަތަކީ ޙަޤީޤަތުގާ
ނަމާދޭ ޞިއްޙަތާ އަދި ހިތްފަސޭހަކަމާ އުފައްދައިދީ
ހިމާޔަތްތެރިކުރާ މަތިވެރި ސިލޭހަޔަކީ މިދުނިޔޭގެ
ނަމާދޭ ފަރަގަކީ ކާފިރުކަމާ އިސްލާމްކަމާ މެދުގާ
ނަމާދެއް ދޫނުކޮށް ޤާއިމްކުރާށޭ ހިތްވަރާ އެކުގާ