ޅެން

ޅެން އަކީ ހިތުގައި އުފެދޭ ޝުއޫރެއް، ނުވަތަ ހިތަށްވައްދާ ޝުއޫރެއް މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭނޭހެން ބައިތުތަކެއްގެ މައްޗަށް އެކުލަވައިލައިގެން ފާޅުކުރާ ބަސްތަކެކެވެ. ޅެން ބަޔަކީ އެއް މައިގަނޑު ނަމެއްގެ މައްޗަށް އެކަކު ހަދައިފައި ހުންނަ ޅެންތައް. މިސާލު: ސިޔަރަތުގެ ރަންހާރު މިއެވެ. ޅެމަކީ ދިވެހި ޅެމުގެ ބާވަތްތަކުގެ ތެރެއިން އެންމެ މުހިއްމު ބާވަތެވެ. އެއީ ދިވެހި ޅެމުގެ ބާވަތްތަކުގެ ތެރެއިން 6 ވަނަ ބާވަތެވެ.

ޅެން މިލަފުޒުން ނެގޭ މާނަ

ޅެން މިބަސް ދެމާނައެއްގައި މާނަކުރެވިދާނެއެވެ. • ފުރަތަމަ ދިވެހި ޅެމުގެ ހުރިހާ ބާވަތެއް ހިމެނޭ ގޮތުގައި ބޭނުންކުރެވޭ ބަހެވެ. ވަކި ވަޒަނަކާއި ރާގުގެ ވަކި ހަމައެއް ބަލައި، ފާހަގަކޮށް، ހުއްޓޭ އަކުރު ނުވަތަ ފިލި އެއްގޮތް ކުރަމުން އަމުނަމުން ގެންދާ އެއްޗެއްގައި މާނައިގައި ބޭނުންކުރެވޭ ބަހެވެ. މިމާނައިގެ މަތިން ބަލާއިރު ބަނދި، ކާ، ރައިވަރު، ފަރިހި، ލަވަ މިއިން ކޮންމެ އެއްޗަކީ ވެސް ޅެމުގެ ބާވަތެކެވެ. • ދެން ޅެން މިބަސް ބޭނުންކުރެވެނީ ކުރިން ބުނެވުނު 5 ބާވަތް ފިޔަވައި ދިވެހި ޅެމުގައި އޮންނަ ހަވަނަ ބާވަތް ކަމުގައިވާ ޅެން މިމާނައިގައެވެ. އެއީ ކުރީން ދެންނެވި ފަސް ބާވަތުގެ ޅެމުގެ ވަޒަނާއި ހަމަތަކުން ނެއްޓި ވަކި ވަޒަންތަކަށް އަމުނާ ލެވިފައިވާ ޅެން ބަސްތަކެކެވެ. ދިވެހި ޅެމުގެ ތެރެއިން އެންމެ އުޖާލާ، އެންމެ ފަށުވި ބާވަތަކީ ޅެން އެވެ. ޅެމުގެ މާނައަށް ބެލިޔަސް، ބަސްތައް އެތުރިފައިވާ ގޮތަށް ބެލިޔަސް އެންމެ މޮޅު ބާވަތަކީ މިއެވެ. އެހެންކަމުން މިލިޔުމުގައި ޅެން ނުވަތަ ޅެމޭ ކިޔައި ލިޔެވިފައިވާނީ ދިވެހި ޅެމުގެ ހަވަނަ ބާވަތް ޅެން ގެ މައްޗަށެވެ. މިބާވަތުގެ ޅެން އެންމެ ފުރަތަމަ ހައްދަވާން ފެއްޓެވި ޝާއިރަކީ އަލްމަރުހޫމް ހުތް އަލީ ދީދީ އެވެ. މީނާ އަކީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ދިރިއުޅުއްވި ބޭފުޅެކެވެ. އެހެންކަމުން ފުރަތަމަ ޅެމެއް ދުނިޔޭގެ އަލިކަމުގެ ތެރެއަށް އުފަންވީ ހިޖުރީ 14 ވަނަ ގަރުނުގެ ދެބައިން ކުރީބައިގައި ކަމަށް ބެލެވެއެވެ.

ފުރަތަމަ ޅެން

އަލްމަރުހޫމް ހުތް އަލީ ދީދީ ފުރަތަމަ ހެއްދެވި ޅެން، ފެށިފައި އޮތީ ޢަރަބި ދެބައިތަކުންނެވެ. ޅެމުގެ ވަޒަނަށް ބަލާއިރު ޢަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނެކެވެ. އަދި މިފަދަ ދެވަނަ އަށް އުފަންވި ޅެމަކީ ވެސް އަލްމަރުހޫމް ހުތް އަލީ ދީދީ ގެ ޅެމެކެވެ. އަލްމަރުހޫމް ހުތް އަލީ ދީދީ މިބާވަތުގެ ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް ޅެންވެރިން މިގޮތަށް ޅެން ހައްދަވަން ފެއްޓެވި އެވެ. އޭގެ ތެރޭގައި ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލިދީދީ ފަދަ ބޭފުޅުން ހިމެނެއެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ހެއްދެވި ޅެންތަކުގެ ތެރޭގައި ފާތިމަތުގެ ފާނުގެ ޅެން، ހުސައިނުގެފާނު ގެ ޅެން ފަދަ ޅެންތައް ހިމެނެއެވެ. ހުތް އަލިދީދީ ފުރަތަމަ ހެއްދެވި ޅެމުން ދެތިން ބައިތެއް ތިރީގައިމިވަނީ އެވެ. ރައްބީ މިހެން ކުރައްވަތެވަޙީ، ގުރުއާނުގައި މާގަދަ ހުކުމް އާދަމް ދަރިންނާ އެންމެ ހައި ތަކު ހެއްދެވީ ނީނާއި ޖިން ނޫނޭ އެހެން ކަމަކަށްޓަކައި އަޅުކަންކުރާށޭ ދީނުގައި ގާއިމް ވެދާނދޭ އެކަމުގައި އެކަމަށްޓަކައި ހިނދު ހެއްދެވީ ޝައްކެއްނެތޭ ގުރުއާންގައި މާގަދަކުރެއްވި ހުކުމޭ މިއީ ހީކޮށް ނުރައިބެއް މިކަމުގައި ނެތަމޭ ވެދާނާ ތަބަޢަވީ

ލޮގިން ވާކަށް ނުޖެހޭނެ.

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަތަކުގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ލަވަ ފޮނުއްވުމަށް

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.